ވިލިނގިލިން ފެނުނު ހޯއްގޮވާ ކެއްސުން ޖެހުނު މީހުންގެ އަދަދު ފަހަކަށް

Pertussis - Hoagova Kessun

‏ގއ.ވިލިނގިލިން ހޯއްގޮވާ ކެއްސުން (ޕަޓޫސިސް) ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ވިލިނގިލިން މި އަހަރުގެ މިހާތަނަށް ފެނުނު ފަސް ވަނަ ކޭސްއެވެ.

ހޯއްގޮވާ ކެއްސުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ ގޮތުގައި 177 މީހުން އެބަތިބިއެވެ. އަދި އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދު 25 އަށް އަރައެވެ. އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު އަދަދު 46 އަށް އަރާއިރު ހައި ރިސްކުންގެ ގޮތުގައި ދެ ކޮންޓެކްޓުން އެބަތިބިއެވެ.

ޕްރޮފައިލެކްސް ވެކްސިން ދީފައި ވަނީ 27 މީހަކަށެވެ.

މި ބަލި ފެތުރެނީ ނޭލާވާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމަތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ މި ކެއްސުން ދިގުލައިގެން ދެއެވެ. ތުއްތު ކުދިންނަށް މީގެއިތުރުން ވެސް އެހެން އަލާމާތްތައް ފެނިދާނެއެވެ. އަދި ދި ވެކްސިން ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ ބަލީގައި މާބޮޑެތި އަލާމަތްތަކެއް ނުފެނިދާނެއެވެ.

ބަލި ޖެހުުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދީންނަށެވެ. އެހެން ކަމުން ހަތް އަހަތު ނުވާ ކުދީންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަަމަ ކުރަން އެޗްޕީއޭ އިން އިރުޝާދުދެއެވެ.

މީގެއިތުރުން ރޯގާ ޖެހި ކެއްސާ މީހުންގެ ތެރެއިން ކެއްސުން ދިގުލައިގެންދާ ނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާ ނަމަ، ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދަން ޖެހެއެވެ.

ޕަޓޫސިސް އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް:

މާސްކް އަޅައިގެން އުޅުން،
ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން
އަލާމާތެއް ހުރިނަމަ ސްކޫލަށް/އޮފީހަށް/މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން
އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުން ކުރުން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި