ރާއްޖޭގައި ޓެރަރިސްޓް އަދި އަނިޔާވެރި އަމަލުތައް އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތް ކުރަމުން ދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

Ad
rt

"މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކައުތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ." ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށެވެ. އަދި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރަން." ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މާލޭގެ މަގުމަތީގައި އުޅުއްވަނިކޮށް ޝަމީމަށް ހަމަލާ ދީފައި ވަނީ ދެ މީހަކު ބައިވެރިވެގެން މަރުތޭލެއް ބޭނުންކޮށްގެންނެވެ. މި ހަމަލާގައި ޝަމީމްގެ ވައަތުގައި ވަނީ ރެނދުލައިފައެވެ. އޭނާ އަށް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.