ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމީމަށް މަގުމަތިން ދިން ހަމަލާ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރު ވަނީ ކުށް ކުރާ މީހުންގެ ނެޓްވޯކްތަކާ ގުޅިފަ އެވެ. އެހެންވެ، މިއީ ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. އެހެންވެ، މި ހަމަލާގެ ޒިންމާވާ މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
ޝަމީމަށް މިއަދު ހަމަލާދީފައިވަނީ މިއަދުގެ ފަތިހުން ފެށިގެން އޭނާގެ ހަރަކާތްތަކަށް ފާރަލުންދިޔަ ދެ މީހެއް ކަމަށްވެ އެވެ. ހަމަލާދީފައިވަނީ އެ ދެ މީހުން ސައިކަލެއްގައި ގޮސް މަރުތޭލެއް ބޭނުންކޮށްގެންނެވެ. ޝަމީމަކީ ފަތާށާއި ދުވަން އާންމު ގޮތެއްގައި އެކަނިމާއެކަނި ވަޑައިގަންނަވާ ބޭފުޅެކެވެ. ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށެވެ. އޭނާ އަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށީގެ ތިރީގައި ވަނީ ރެނދުލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!