ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް އަށް ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި ބިޑް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ނިންމާފައި ވަނީ ގެސްޓް ހައުސް ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 6 ބިމެއް ކުއްޔަށް ދޫކޮށްލުމަށެވެ. އަދި 10000 (ދިހަހާސް) އަކަފޫޓުގެ 2 ބިމެއް ސިޓީހޮޓާ ވިޔަފާރިއަށް ދޫކުރުމަށެވެ.

Ad
rt

މި ބިންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމް ހުށަހަޅައި ބިޑްގައި ރަޖިސްޓަރީވާން ޖެހެއެވެ.

ބިޑްގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކަން ނިންމާފައިވާއިރު، 5000 އަކަފޫޓުގެ ބިންތަކުގެ ބީލަން ފޮތުގެ އަގަކީ 1000 (އެއްހާސް) ރުފިޔާއެވެ. އަދި 10000 (ދިހަހާސް) އަކަފޫޓުގެ ބިމުގެ ބީލަން ފޮތުގެ އަގަކީ 2000 (ދެހާސް) ރުފިޔާއެވެ.

މި ބިޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު 10:00 ގައި އޮންލައިންކޮށެވެ.

މި ބިންތަކަށް ބީލަން ހުށަހެޅުމަށާއި ބީލަންތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު 10:00 ގައި ފިނޭ ކައުންސިލް އިދާރާގައެވެ.

މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ފިނޭ ކައުންސިލުން ވަނީ އެރަށުން ޓޫރިޒަމް ޒޯނުން 5000 އަކަފޫޓޫގެ 7 ބިމާއި 10000 އަކަފޫޓޫގެ ދެ ބިމަށް ކުރިމަތިލާން މިދިޔަ ނޮވެމްބަރުގައި ވެސް ހުޅުވާލާފައެވެ. މައުލޫމާތު ލިބޭގޮތުގައި އެރަށުން ޓޫރިޒަމް ޒޯނުން ބިމަށް އަލުން ހުޅުވާލާފައި މިވަނީ ކުރިން ކުރި ޢިއުލާން އިސްލާހްކުރުމަށް ފަހުއެވެ.