ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުން ފަށައިގެން މި އަހަރު ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށް ޖުމްލަ 27 ބައިވެރިން ވަނީ ސެޓްފިކެތް ހާސިލް ކޮށްފައެވެ. އޭގެތެރޭގައި ނުވަ ސްކޫލް ކުދިން ހިމެނެއެވެ.
މި ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އާބިދާ އަބްދުއްރްހީމާން ބުނީ މި ކޯހުގައި ބައިވެރިވި ގިނަ ކުދިންނަކީ އަލަށް ފަހާފޮށީގައި އަތްލި ކުދިން ކަމަށާއި، ކޯސް ނިންމުމުގެ ރަސްމިއްޔާތަށް ހުރިހާ ބައިވެރިން ވެސް ލައިގެން ގޮސް އެ ތިބީ އެ ކުއްޖަކު އަމިއްލައަށް ފެހި ހެދުންކަމަށެވެ. މިކަމުން ކޯހުން ކުދިން ފަހަން ދަސްކުރި މިންވަރު ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ.
ބާރަށު އަންހެނުން ކޮމެޓީން ބޭއްވި ފަހާކޯހެއްގެ ބައިވެރިން، ފޮޓޯ: ބާރަށު ކައުންސިލް
މި ކޯސް އެ ރަށުގައި ކުރިއަށް ގެންގޮސްފައިވަނީ އައިފާސް ޑްރީމްސް އިންނެވެ. މި ކޯހުން ބައިވެރިންނަށް ވަނީ ސޯޓްބުރިއާއި ކުރުތާއާއި ގަމީހާއި ކުޑަކުދިންގެ ހެދުމާއި ބޮޑެތި މީހުންގެ ހެދުން ފަދަ ހެދުންތައް ކަނޑައިގެން ފަހަން ދަސްކޮށްދީފައެވެ.
އާބިދާ އިތުރަށް ބުނީ އެ ކޮމެޓީން އިސްނަގައިގެން މި އަހަރުތެރޭ ފަހާ ކޯހުގެ އިތުރު ލެވެލްއެއް އެރަށުގައި ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ކަށިކެޔޮފަތާއި ފަންވަތުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެސް މި އަހަރުތެރޭ ހިންގަން ނިންމާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!