ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅައިމަގުގައި ގާއިމުކުރި މި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު އެވެ.
އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ކައުންސިލް ރައީސް އާދަމް އަޒްމީރުއެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކާގައި ޅައިމަގުގައި ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓަކީ ދާޚިލީ ސަލާމަތާ ރައްކާތެރިކަމާ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިޚްތިޔާރު ދީފައިވާ ފުލުހުންގެ ހިދުމަތެއް ޅައިމަގުގައި ފޯރުކޮށްދިނުމަށް ގާއިމްކުރެވިގެން ދިޔަ މަރުކަޒެއް ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނާ ޝުޖާއުގެ ވާހަކާގައި ޅައިމަގުގައި މަސައްކަތްކުރާ ފުލުހުން މަސައްކަތުގައި ހޭދަކުރާ ވަގުތުތަކުގައި ވީހާވެސް ގިނަ އިރު ރައްޔިތުންނާއި ގާތުން ހިދުމަތްދިނުމަށްޓަކައި ކުށްކުރާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި ފުޓް ޕެޓްރޯލް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
ހާއްސަކޮށް ޅައިމަގަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުނދަގޫ އިންތިހާއަށް އޮތް ރަށަކަށްވެފައި ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރުމުގެ ފުރުސަތު އޮތް ހަމައެކަނި މަގަކީ ކަނޑުމަގުން ކަމަށްވާތީ މިރަށަށް ލަފާ ފުރާ އުޅަދުތައް އަންނަ ވަގުތުތަކުގައި ބަނދަރުމަތީގައި ހަރަކާތްތެރި ވެވޭނެގޮތަކަށް ފުލުހުންގެ މަސައްކަތްތައް ރޭވި އިންތިޒާމްކޮށް ދިނުންމަށް އިލްތިމާސްކުރައްވާފައިވެއެވެ.
ރަށުގެ ރައްޔިތުންނާއި ގުޅިގެން މިފަދަ މީސްމީހުން އަންނަ އުޅަނދު ފަހަރަށް ސަމާލުކަމެއް ދީގެން އެއަންނަ މީހުން ރެންޑަމްކޮށް ޗެކްކުރެވިގެން ގޮސްފިނަމަ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމަށް ކޮމިޝަނާ ސުޖާއު ވަނީ ފާހަގަކުރެއްވާފައެވެ.
މީގެ އިތުރުން ފުލުހުންގެ ހިދުމަތް ދިނުމުގައި އަމަލުކުރާ ގޮތްތައް ހަފްތާއަކު ނުވަތަ ދެ ހަފްތާއިން އެއްފަހަރު ނަމަވެސް ކައުންސިލާއި ބައްދަލުކޮށް ހިއްސާކުރެވި މަޝްވަރާކޮށް ހިދުމަތް ދިނުމުގައި މަދުވާކަމެއް އޮތްކަމުގައިވާނަމަ ކައުންސިލުގެ މަޝްވަރާއާއި ލަފާ އަޑުއަހައިގެން ފުލުހުންގެ ހިދުމަތް ދިނުމަށް ގެންނަވީ ބަދަލުތަށް ދެނެގަނެ އެ ބަދަލުގެނެސް ހިދުމަތް ދިނުމަށް ކޮމިޝަނާ ވަނީ އިރުޝާދު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!