ދިވެހި އުންމަތަކީ އިސްލާމް ދީނަށް އަހުލުވެރި ޖީލެއް ކަމުގައި ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ ''ރިސާލަތު'' ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ދިވެހިންގެ ހިއްތަކުގައި އިސްލާމް ދީނާއި އީމާންކަމުގެ ރުކުންތައް ވަރުގަދަކޮށް، އަގީދާ ހަރުދަނާކޮށް، އިސްލާމް ދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ފަށާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، އެކަމަށް ޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި ޕްރޮގްރާމްގެ އެހީގައި އިސްލާމް ދީނަށް ލޯބިކުރާނެ ހަރުދަނާ ޖީލެއް ބިނާކުރެވި، ފަރުޟު ފަސް ނަމާދަށް ސަމާލުވެ، ނަމާދުގެ ޖަމާއަތަށް އިސްކަންދޭ، ހަރުދަނާ އަޤީދާއެއްގެ މަތީގައި ބިނާވެފައިވާ ޖީލެއް ބިނާވެގެން ދާނެކަމަށް މި ޕްރޮގްރާމުން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ހިމަނާފަވެއެވެ.

މި ޕްރޮގްރާމްގައި އަލިއަޅުވައިލާނެ ބައިތަކުގެ ތެރޭގައި ޝަހާދަތުގެ ދެކަލިމަ, ނަމާދު، ޒަކާތް، ރޯދަ، ހައްޖު، މާތް ﷲ އަށް އިމާންވުން، ރަސޫލުންނަށް އީމާންވުން، އިހްސާންކަމުގެ އިތުރުން އުންމަތަށް މުހިއްމު ފިލާވަޅުތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ޚުޠުބާ، ދަރުސް، މީޑިއާ ޕްރޮގްރާމްތައް، ފޯރަ، ސެމިނާ، ޢުމްރާ ޓުއަ، ސްކޫލްތަކުގެ މައުރަޒުތައް، މުބާރާތްތައް އަދި މީސް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.