މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ސީ އެމްބިއުލާންސްގެ ހިދުމަތް ދެވުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ވިލިމާލޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިލިމާލެ ހޮސްޕިޓަލު ގާއިމުކުރަމުންދާއިރު، ވިލިމާލޭގައި ސީއެންބިއުލާންސް އޮތުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ހަލީމް ވިދާޅުވިއެވެ.
ވިލިމާލެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ވަސީލަތްތައް ފުރިހަމަ ކުރުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ވިލިނގިލިން މާލެއަށް ބަލި މީހުން އުފުލުމުގައި ދިމާވެފައިވާ ދަތިތަކަކީ އެ އަވަށު ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާއެއް ކަމަށެވެ. އެހެންވެ، ހިދުމަތް ފުޅާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި އިތުރު މެޑިކަލް އާލާތްތަކެއް ހަރުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް އަޅުގަނޑުމެން ކުރާނަން." ހަލީލް ވިދާޅުވިއެވެ.
ވިލިމާލޭގައި ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމައި، ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!