ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށު ސްކޫލް ކުދިންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
އެ ރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 70 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ނޭކުރެންދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަލީ ނިޔާޒް ބުނީ ބެޑްމިންޓަނަކީ މިހާރު އެ ރަށުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، ގިނަބަޔަކު މިހާރު މި ކުޅިވަރަށް ޝައުގުވެރިކަން އުފެދިފައިވާ ކަމަށެވެ.
އެ ރަށުގައި ކޮންމެ އަހަރަކު ވެސް ބެޑްމިންޓަން މުބާރާތް ބާއްވާކަން ފާހަގަ ކުރަމުން އޭނާ ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ ބެޑްމިންޓަން ކުޅޭނެ އިންޑޯ ކޯޓެއް ނެތުމުގެ ދަތިކަން ކަމަށެވެ. މިގޮތުން އައުޓްޑޯގައި މުބާރާތް ކުޅެން ޖެހޭތީ، މުބާރާތް ކުޅޭ ދުވަސްވަރު ވެސް ވައިގަދަވެގެން މުބާރާތަށް ބުރޫއަރާކަމަށާއި، ނިންމާލި ޕްރޮގްރާމް ކުރިއަށް ދިޔަ ދުވަސްކޮޅު ވެސް ވައިގެ ސަބަބުން އުނދަގޫތައް ކުރިމަތިވެގެން ދިޔަކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި ނޭކުރެންދޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ހިމަނާފައިވާކަން ފާހަގަ ކުރަމުން އޭނާބުނީ އެކަން އަވަސް މުސްތަގުބަލެއްގައި ފުރިހަމަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!