އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލުން ލީޑު ފުޅާކޮށްފިއެވެ.

ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ލިވަޕޫލަށް ލިބުނެވެ. ޑިއާޒްއަށް ނިއުކާސަލްގެ އޭރިއާތެރެއިން ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ސަލާހް ފޮނުވާލިއިރު އެ ޕެނަލްޓީ ނިއުކާސަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަ ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 49 ވަނަ މިނެޓުގައި ނުނޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސަލާހް ލަނޑުޖެހިއިރު، އޭގެ ނުވަމިނެޓް ފަހުން ނިއުކާސަލްގެ އިސަކް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ލިބުނީ 74 ވަނަ މިނެޓުގައި ޖޯންސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގަކްޕޯ ވަނީ ލަނޑުޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. ނިއުކާސަލްގެ ދެވަނަ ލަނޑު 81 ވަނަ މިނެޓްގައި ޖަހައިދިނީ ބޮޓްމަން އެވެ. ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސަލާހް އެވެ.

މި މޮޅާއިއެކު ލިވަޕޫލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އެސްޓަން ވިލާއަށް 20 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. މިވަގުތު ނިއުކާސަލް އޮތީ ތާވަލުގެ ނުވަވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.