ހދ. ކުޅުދުއްފުށީ ސިޓީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ހަރަކާތަކީ އެރަށުފައިލޭރިޔާ ޓާސްކް ފޯސް އިން އިންތިޒާމުކޮށްގެން ފައިލޭރިއާ ކޮންޓްރޯލް ކުރުމުގެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ދަށުން އެ ސިޓީގައި މަދިރި އުފެދޭ ސަރަހައްދުތައް ނައްތާލުމަށް އެތަންތަން ސާފުކޮށްފައިވާއިރު، އެ ސިޓީގެ ގިނަ މުއައްސަސާތަކާއި، ޖަމްއިއްޔާތަކުން ވަނީ ބޮޑު ބައިވެރިވުމެއް ދީފައެވެ.
މިހަރާކާތާއި ގުޅިގެން ހަރަކާތުގެ ބައިވެރިންނަށް ޝުކުރު އަދާކުރަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)އިން ވަނީ ސިޓީ ކައުންސިލާއި، ދިވެހި ރެޑްކްރެސެންޓް ކުޅުދުއްފުށީ ގޮތްޕަށާއި، އެރަށު މަގުލަސް ކްލަބާއި ހަރަކާތުގައި ބައިވެރިވި އެހެން ޖަމިއްޔާތަކާއި އާންމުންގެ އެއްބާރުލުން ފާހަގަކޮށްފައެވެ.
ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ.
އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ފަށައި، އެކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި އެރަށުގައި ދަނީ ހާއްސަ މަސައްކަތްތަކެއް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ސްކްރީނުން މިހާތަނަށް އެރަށުން 25 ބިދޭސީ އަކު ވަނީ މި ބަށްޔަށް ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!