ބޭނުން ވަނީ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވެސް ވަކިކުރެވޭގޮތައް އޮންނަންކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އައްޑޫ ސިޓީގައި ޑިސެމްބަރު 27-28 އަށް ކުރިއަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯރަމްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ.
އެ ފޯރަމްގައި ސިވިލްސާވިސް މުވައްޒަފުން ވަކިކުރުމާއި، ޕްރޮމޯޝަން ދިނުމާގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، ކައުންސިލަރުންނަކީ ސިޔާސީ މީހުން ކަމަށާއި، މުޅި ރާއްޖޭގައި އިންތިޚާބީ ހުރިހާ މީހުންނަކީ ސިޔާސީ މީހުންކަން ފާހަގަކޮށްލަން ބޭނުންވާ ކަމަށެވެ.
‘’ބޭނުންވަނީ ކައުންސިލަރުންނަކީ ވެސް މަޖިލިސް މެންބަރުންނަކީ ވެސް ވަކިކުރެވޭ ބަޔަކަށްވާން، ރައީސުލްޖުމްހޫރިއްޔާ ވެސް މި އޮންނަނީ ވަކިކުރެވޭގޮތައް، ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު މި އޮންނަނީ މަޖިލީހަށް، އެބައި ދާންވީ ހަމަ މަޖިލީހަށް، މެންބަރުންގެ ކަންތައް ވެސް މަޖިލިސް މެންބަރުން ކަންތައް (ވަކިކުރުމުގެ ބާރު) ވެސް ދާންވީ ރައްޔިތުންނަށް’’ މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަންވާނެ ކަމަށެވެ.
‘’މި މީހުންނަށޭ އިންތިޚާބީ ހުރިހާ މަގާމެއްގައި ތިބި މީހުން ވަކިކުރެވެންވާނީ، އެހެންވީމަ މި ފުރުސަތު އޮންނަންވީ ރައްޔިތުންނަށް، އޭރުން ރައީސުލްޖުމްހޫރިއްޔާ ނުޖެހޭ ރައްޔިތުންގެ މަޖިލިސް މެންބަރުން ގަންނާކަށެއް، އޭރުން ރައްޔިތުން ގަންނަން ޖެހޭނީ، ވާހަކައަކީ ރައްޔިތުންނަށް ހުރިހާ ޕްރޮޖެކްޓްތަކެއް ހިންގައިދީގެންނޭ އެ މީހުންނަށް (މެންބަރުންނަށާއި ކައުންސިލަރުންނަށް) ތިބެވޭނީ،’’ މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެކަން ކުރާނެގޮތުގެ ފޯމިއުލާ ވެސް އިލެކްޝަން ކޮމިޝަން (އީސީ) އަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި މެންބަރުންނާއި ކައުންސިލަރުންގެ އިންތިޚާބީ ދައުރު ދެބައިވީމައި އީސީ އަށް އެކަންކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ބޭނުން ވަނީ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވެސް ވަކިކުރެވޭގޮތައް ރައްޔިތުންނަށް އެ ފުރުސަތުލިބެން ކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!