ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލްސާވިސްގެ މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ ތަނެއްދޮރެއް ނުދަންނަ މުޑުދާރު ބައެއްގޮތުގައިކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިހާރު ކުރިއަށް ގެންދާ ފަނޯއްލަ ދަރުބާރުގައި ވާހަކަ ދައްކަވަމުންނެވެ.
އެލްޖީއޭގެ މިފަހަރުގެ ފަނޯއްލަ ދަރުބާރު ކުރިއަށް ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫގެ ދަރުބާރުގޭގައެވެ.
މިދަރުބާރުގެ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯރަމްގައި ކައުންސިލަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޚިޔާލުފާޅު ކުރައްވަމުން ސިރާޖު ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ކަންކަން ހުންނަނީ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)އިން، އެ މުވައްޒަފުން ކައުންސިލަރުންނަށް އެއްބާރުން ދެއްވާމިންވަރާގުޅޭގޮތުން ވިދާޅުވާވިދާޅުވުމާއި އެއްގޮތަށް ނޫންކަމަށެވެ.
’’ސެކްރެޓަރީ ޖެނެރަލް އެވިދާޅުވާގޮތަކަށް ނޫންކަންތައް ހުންނަނީ، ކައުންސިލްތަކުގައި އުޅޭ ސިވިލްސާވިސް މީހުން ދެކޭ ގޮތުގައި އަޅުގަނޑުމެންނަކީ ވަރަށް މުޑުދާރުބައެއް، ސިޔާސީ ބައެއް އަޅުގަނޑުމެންނަކީ، މީހުންނަށް ލާރި ބަހައިގެން ވޯޓު ގަނެގެން އައިސްތިބި ތަނެއް ދޮރެއް ނުދަންނަބަޔެއް،’’ ވާހަކަ ފައްޓަމުން ސިރާޖު ވިދާޅުވިއެވެ.
’’އެހެންވީމަ އަޅުގަނޑުމެން ބުނާކަންތައް އެމީހުން ކުރާކަށްނުޖެހޭ، މީ އެމުވައްޒަފުން ވާހަކަ ދައްކާގޮތް އަދި އަޅުގަނޑަށް އަޑުވެސް އިވިފައި ހުރިގޮތް،’’ އޭނާ އިތުރަށް ވިދާޅުވިއެވެ.
އެހެންކަމުން އެގޮތައް ކަންތައްދާތީ، ހުރިހާ ކައުންސިލަކަށް ހުރިހާ ރަށެއްގައި ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ކައުންސިލަރުންނަކީ ތަނެއް ދޮރެއް ދަންނަ ބަޔެއްކަމަކަށް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލްސާވިސްގެ މުވައްޒަފުން އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެއެވެ.
‘’ބުނަންވެސް ބުނެފައެބަހުރި ތީ އޮޑިދޯނިފަހަރުގައި އުޅެފައި ލާރިކޮޅު ބަހާލައިގެން ވޯޓު ހޯދައިގެން އައިސްތިބި ބައެއް ނޫންހޭ، އެހެންނޫނީ ކޮންމެސް ރިސޯޓެއްގައި ރޫމް ބޯއީއަކަށް އުޅެފަ ނޫންހޭ ތިޔައައީ މިތަނަށް ކޯއްޗެއްހޭ ކަލޭމެންނަށް އިނގޭނީ، ތިމަންނަމެންމީ ދާއިމީކޮށް މިތާ ތިބޭ މީހުންނޭ، ފަސް އަހަރުކޮށްލާފަ ދާނެ ބަޔެކޭތީ، ކަލޭމެން ބުނާގޮތް ހަދާކަށްނުޖެހެއޭ’’ ސިރާޖު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ހަގީގަތް ކަމަށެވެ. އަދި ހދ. އަތޮޅު ކައުންސިލްގައި މާސްޓާސް ފެންވަރަށް ކިޔަވައިގެން ތިއްބެވި ކައުންސިލަރުން ވެސް އެބަތިބި ކަމަށެވެ.
’’އެކަމަކު ޤަބޫލެއް ނުކުރޭ، ސިވިލްސާވިސްގެ މުވައްޒަފުން ބުނަނީ ތީ ތަނެއްދޮރެއް ދަންނަ ބަޔެއްނޫނޭ، ލާރިބަހައިގެން ވޯޓު ގަނެގެން އައިސްތިބި މީހުންނޭ، އެހެންވެ ވަރަށް ގިނަ ކައުސިލްތައް އެބަހުރި ވަރަށް ގިނަ ކަންކަން ތަންފީޒުނުކުރެވި’’ ސިރާޖު ވިދާޅުވެފަވެއެވެ.
ސިރާޖު މި ޚިޔާލު ފާޅުކުރެއްވި ފަނޯއްލަ ދަރުބާރަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވޭ ލާމަރުކަޒީ ސިޔާސަތު ވިލަރެސްކުރުމުގެ މަހާސިންތާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!