އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ/ކުރެދުމާގޭ، މުޙައްމަދު ނައީޝް އެވެ.

Ad
d

އޭނާ އިހި ނަގަން މޫދަށް ފޭބީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިތުރު ދެ މީހުންނާއެކުގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ނައީޝް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނައިރު، ނައީޝް ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ވަނީ ގެއްލިގެން ހޯދާ ނައީޝް އާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފައެވެ.

މީގެ އިތުރުން ނައީޝްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެމްއެންޑީއެފުން އެދެއެވެ.

Ad
df

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ.