ކުޅުދުއްފުށީ ސިޓީގައި ގަހުގެ ނާސަރީއެއް ގާއިމުކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މިއީ އެކައުންސިލުން ކުރިއަށްގެންދާ "ފިނިފެހި ސިޓީ" މަޝްރޫއުގެ ދަށުން އެރަށުގައި ގާއިމުކުރާ ތަނެއް ކަމަށެވެ.

Ad
rt

މިތަން ގާއިމުކުރަން ސިޓީ ކައުންސިލާއެކު ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ވެހި ރެޑް ކްރެސެންޓާއެކުގައެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހެދޭ އަދި ނެތެމުންދާ ބާވަތްތަކުގެ ގަސްތައް ދިރުވާ އާލާކުރުމާއި، ކުޅުދުއްފުށި ސިޓީގެ އާންމު ސަރަހައްދުތަކަށާއި މަގުތަކުގެ ގްރީންޒޯންތަކުގައި އިންދުމަށް ބޭނުންވާ ގަސް މުޑުވައްކޮށް ހެއްދުމަށް މަސައްކަތް ކުރުން ކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މީގެ އިތުރުން އެސިޓީގެ ހިތްގައިމުކަމާއި ފެހިކަން އިތުރުކުރުމަށް މަސައްކަތް ކުރުންކަމަކީ ވެސް މި ފަހުމުނާމާއެކު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ބުނެފަވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ''ފިނިފެހި ސިޓީ'' މަޝްރޫޢުގެ ދަށުން މީގެ ކުރީން ވެސް ވަނީ އެރަށުގައި އެކިފަހަރުމަތިން ގިނަ އަދަދެއްގެ ގަސް އިންދާފައެވެ. އަދި އެރަށުގެ ހޭޅި އާއި ފުއްޓަރާއި އެކި ސަރަހައްދުތައް ސާފުކޮށް ޕްލާސްޓިކާއި ދަގަނޑު އަދި ބިއްލޫރި ހިމެނޭހެން ގިނަ އަދަދެއްގެ ކުނި ނަގައި ވަނީ ނައްތައިލާފައެވެ.

މީގެ އިތުރުން ވެސް މި މަޝްރޫޢުގެ ދަށުން އެ ސިޓީގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް ފަދަ މަސައްކަތްތައް ވަނީ ކޮށްފައެވެ.