ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިގެ ކުރިއެރުން ނުނަންގަވައި އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރެއްވުމަށް އެމަނިކުފާނު މިއަދު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި އެ މުސާރަތައް ބޮޑުކުރުމަށް ބޭނުންފުޅު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

"އެއްވެސް މަޝްވަރާއެއް ކުރުމެތް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ކޮމެޓީން އިއްޔެ ވަނީ ރައީސްގެ މުސާރަ މަހަކު 120،000ރ. އަށް، ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރަން ފާސްކޮށްފައެވެ. އަދި ވަޒީރެއްގެ މުސާރަ މަހަކު 74،000ރ. އަށް ބޮޑުކުރަން ވެސް ފާސްކޮށްފައެވެ.

ރައީސަކަށް މިހާރު ކަނޑައަޅާފައިވާ މުސާރަ އަކީ 100،000 ރުފިޔާއެވެ. ނައިބު ރައީސަކަށް މިހާރު ދެމުން އަންނަނީ މަހަކު 75،000ރ. އެވެ. އަދި ވަޒީރެއްގެ މިހާރުގެ މުސާރައަކީ މަހަކު 66،000ރ. އެވެ.

އެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ، ރައީސް އާއި ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށެވެ.

އެއީ ރައީސް ޑރ. މުޢިއްޒު ތާއީދުކުރައްވާ ނިންމުމެއްނޫން ކަމަށް ވެސް އިސް ތަރުޖަމާނު ވިދާޅުވިއެވެ.

''ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން'' ޝަހީބު ވިދާޅުވެފަވެއެވެ.