ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަން އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ އެކި ސަރަހައްދުގައި ހެދިފައިވާ ރައްޔިތުންގެ މާކަށިކެޔޮ ގަސްތަކުގެ އިތުރުން އަށް (8) ރުއްގަނޑެކެވެ. މާކަށިކެޔޮ ގަސްތައް ކުއްޔަށް ހިފޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަހަރަކަށް 1500 (ފަނަރަސަތޭކަ) ރުފިޔާއެވެ.
ރުއްގަނޑުތަކުގެ ނަންތަކާއި އެ ރުށްގަނޑަކަށް އަހަރަކަށް ހުށަހެޅޭނެ އެންމެ ދަށް އަގުވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފައެވެ. މިގޮތުން އެ ރަށު އަމީނީމަގު އުތުރުކޮޅު ދެފަރާތު ރުއްގަނޑަށް އަހަރަކަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. އެ ރަށު ފާލަން ދެފަރާތު ރުއްގަނޑަށް 1000 (އެއްހާސް) ރުފިޔާ، ތައްނުޖަހާ ކުޑަ ރުއްގަނޑަށް 300 (ތިންސަތޭކަ) ރުފިޔާ، ޒިޔާރަތު ރުއްގަނޑަށް 400 (ހަތަރުސަތޭކަ) ރުފިޔާ، ތައްޖެހި ބޮޑު ރުއްގަނޑަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ، އަމީނީމަގު އުތުރު އިރުމަތީ ފަރާތު ވަލުތެރެ ރުއްގަނޑަށް 1700 (ސަތާރަސަތޭކަ) ރުފިޔާ، ތުނޑީމަގު ދެފަރާތު ރުއްގަނަޑަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ، މަސްޖިދުއް ނޫރު ގޯތީގެ ބޭރުގައި އިންދާފައިވާ ރުއްގަނޑަށް 500 (ފަސްސަތޭކަ) ރުފިޔާ އެވެ.
މި ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ދެ އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން، އެ ފަރާތަކުން ކުއްޔަށް ނެގުމަށް ހުށަހަޅާ އަގުތައް ހިމެނޭ ސިޓީ ހިފައިގެން މި މަހުގެ 19 ވަނަ ދުވަހު 10:00 އަށް މޮޅަދޫ ކައުންސިލަށް ހާޒިރުވުމަށް އެ ކައުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!