ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން “އަމާން ދޯދި” އެކްސްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިއްޔެ ހަވީރު އަމާން ދޯދި ޓަވަރު 16ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޔުނިޓުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. މި ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޝާމް އާދަމްއާއި، އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމެންޓް ޑިރެކްޓަރު ޝާޒިމް ސައީދުގެ އިތުރުން، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރު އަދި އެފްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ، އެފްޑީސީއިން އިމާރާތްކުރަމުންދާ 4000 ހާއުސިން ޔުނިޓްތައް ހަލުވި ސްޕީޑެއްގައި ނިންމައި، ފްލެޓް ލިބުނު ރައްޔިތުންނަށް އެ ފްލެޓްތައް ހަވާލުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އަމާން ދޯދީގެ ހައުސިން ޔުނިޓްތައް ތަރައްގީކުރަނީ 16 ޓަވަރަށް ބަހާލައިގެންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ 600 ޔުނިޓާއި ތިން ކޮޓަރީގެ 1400 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

އެފްޑީސީގެ ދަށުން ޖުމްލަ 4000 ހައުސިން ޔުނިޓް ތަރައްގީކުރަމުން އަންނައިރު، މި ޔުނިޓްތައް ހަވާލުކުރާނީ ޒަރޫރީ ފިނިޝިންގެ މަސައްކަތް ނިންމާފައިކަމަށް އެފްޑީސީން ބުންޏެވެ. އެގޮތުން، ފްލެޓްތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސްހަރުކޮށް، ކުލަލައި، ފާހަނަތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.

“އަމާން ދޯދި” އެކްސްޕީރިއަންސް ޔުނިޓްތައް އާންމުންނަށް ހުޅުވާލުމުގެ މަގުސަދަކީ، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން، ޒަމާނީ ގެތައް ފަރުމާކުރެވޭނެ ތަފާތު ގޮތްތައް އާންމުންނަށް ދައްކާލުން ކަމަށް އެފްޑީސީން ބުންޏެވެ.

ހެޔޮ އަގެއްގައި ދެމެހެއްޓެނިވި އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެފްޑީސީއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެކެވެ.

އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްތަކަކީ އެފްޑީސީ-އެންބީސީސީ ހައުސިން މަޝްރޫއުގެ ތެރެއިން ދޯދި ޓަވަރު 16 ގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް އެފްޑީސީގެ އެކްސްޕީރިއަންސް ޔުނިޓް ބުކިން ޕޯޓަލް މެދުވެރިކޮށް ބުކްކޮށްލެވޭނެވެއެވެ.