ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް ޢަލީ ވަހީދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރެއްވި އަލީ ވަހީދު މިއަދު ވަނީ ''އެކްސް'' މެދުވެރިކޮށް އޭނާ އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވިކަން ޢިއުލާން ކުރައްވާފައެވެ.
އޭނާ ވަނީ ހަތް އަހަރާއި ހަތް ދުވަހަށްފަހު އަނބުރާ ''ގެއަށް'' (އެމްޑީޕީ) އަށް ''އާދެވިއްޖެ'' ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2021 ވަނަ އަހަރު އަލީވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އޭނާގެ މައްޗަށް ތަފާތު އެތައް ދައުވާތަކެއް ކުރިނަމަވެސް އެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް އޭނާ ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފައެވެ.
އަލީ ވަހީދު ގެނައުމަށް އެތައް މަސައްކަތެއް ކޮށްފައިވާއިރު، ރެޑްނޯޓިސް ނެރެގެން ވެސް އޭނާ ރާއްޖެ ނުގެނެވުމުން މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ. ދައުވާތައް ގެންދިޔުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ 11 ޖުލައި 2023 ގައެވެ.
ރާއްޖެ ވަޑައިގެންނެވިއިރު، ޖޭޕީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލަކުން ރައީސްގެ މަގާމު އުވާލާފައި ވިޔަސް އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ ރާއްޖެ ވަޑައިގަތުމުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަސްމީ ކެމްޕޭން އެޖެންޓަކަށް 3 އޯގަސްޓް 2023 ގައި ވަނީ ހަމަޖައްސާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައްފަހު، ދެވަނަ ބުރުގައި ވަކިކޮޅެއް ނެންގެވިކަން ހާމަނުރައްވާ ޢަލީ ވަނީ ދެން އުޅުއްވާނީ ފުޓްބޯޅައިގެ ތެރޭގައި ކަަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!