ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ވެރިއަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ހަމަޖައްސަވައިފި އެވެ.
ޕީއެންސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި، ރައީސް މުޢިއްޒު އެ މަގާމަށް ހަމަޖެއްސީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމުގައިއެވެ.
ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ކުރިން ހުންނެވީ ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެވެ. ރައީސް ޔާމީން ވަނީ 23 ނޮވެމްބަރު 2023 ގައި ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.
ޔާމީން ޕީޕީއެމް ދޫކޮށްލެއްވުމުން ހުސްވި ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރުގެ މަގާމަށް ރައީސް ޑރ. މުޢިއްޒު ހަމަޖައްސަން ފާސްކުރީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީނަށް ސިޔާސީ މަސަައްކަތަށް އެއްބާރުލުން ނުދެއްވާ ކަމަށްވިދާޅުވެ، އެމަނިކުފާނު ޕީޕީއެމް ދޫކޮށްލެއްވުމަށްފަހު، ހަމައެރޭ ވަނީ އައު ޕާޓީއެއްގެ މަސައްކަތް ފެއްޓެވިކަން ޢިއުލާން ކުރައްވާފައެވެ.
މިގޮތުން މުއައްސިސެއްގެ ގޮތުގައި ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން ހަމަޖައްސަވައި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.
ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ރޭ ރައީސް މުޢިއްޒު ހަމަޖެއްސިއިރު، ޕީއެންސީން ރޭ ވަނީ އަމިއްލަ އޮފީހެއް ވެސް ރަސްމީކޮށް ހުޅުވައި، ޕީޕީއެމް އޮފީހާއި ވަކިން މަސައްކަތް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!