ޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކޮށް، އެތަންތަނުގެ ކުލި ކުޑަކޮށްދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ.
މިކަން ޢިއުލާން ކުރެއްވީ މިއަދު އިރުއޮއްސެނިކޮށް ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސް ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މިހާރު މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ކުޑަކޮށްދެއްވުމަށް އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ކަމަށެވެ.
އެ ވަޢުދާއިއެއްގޮތައް ވިނަރެސް ފްލެޓްތަކަށް ޑައުންޕޭމަންޓަށް ދައްކާ އަދަދުން 50 އިންސައްތަ ކުޑަކޮށްދެއްވަން މިއަދު ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
''މި ނިންމީ މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސަންޓް ކުޑަކޮށްދޭށާއި، އެވްރެޖްކޮށް މަހުން މަހަށް ދައްކާ އަދަދު 4200ރ. އުނިވެގެންދާގޮތައް، އެހެންވީމަ ޑައުންޕޭމަންޓުން 50 ޕަސެޓް މަހުންމަހަށް ދައްކާ އަދަދު، އެކިފަރާތްތަކުން އެކި ވަރަށް ދައްކަމުން ދަނީ، އެގްރިމެޓްމެންޓަށް ޑިޕެންޑްވާ ގޮތައް، އެ ދައްކާ އެއްޗަކުން އެވްރެޖްކޮށް،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަމަށް ފޯމިއުލާއެއް ހައްދަވާފައި އޮންނާނެ ކަމަށާއި، އެ ފޯމިއުލާއަށް ފިޓްވާގޮތައް އެވްރެޖްކޮށް 4200ރ މަހުންމަހަށް ދައްކާ ޢަދަދުން އުނިވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން މިއަދު ވަނީ ފްލެޓްތަކުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް މަހަކު 3984 ރުފިޔާއަށް ކުޑަކޮށްދޭން ނިންމާފައެވެ. އަދި ރަށްރަށުގައި ސަރުކާރުން އަޅާފައި ހުރި ހައުސިން ޔުނިޓްތަކާއި، ފްލެޓްތަކުގެ ކުލި މަހަކު، 3330 ރުފިޔާ އަށް ކުޑަކޮށްދޭން ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!