ހުޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ހިޔާ ފްލެޓްތަކުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް މަހަކު 3984 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިސިންއަށް ދިޔަ ޚަރަދުގެ ތެެރެއިން އެވްރެޖް އަގަކަށް 2 ލައްކަ ރުފިޔާ ކަނޑައަޅައި، ފްލެޓްތައް ލިބުނު ފަރާތްތަކަށް ޑިސްކައުންޓް ލިބޭގޮތައް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.

Ad
rt

އެހެންކަމުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، ހިޔާ ކޮންމެ ފްލެޓެއްގެ ޖުމްލަ އަގުން 2 ލައްކަ ރުފިޔާ އުނިކުރާގޮތައް މިއަދު ނިންމަވާފައިވާ ކަމަށެވެ.

''މިހާރު އޮތް ގޮތުންނަމަ ކުރިއަށް އޮތް 7 އަހަރު ދުވަހަށް ދައްކަން އޮތީ މަހަކު 5300 ރުފިޔާ، މި ގޮތައް ނިންމުމުން ކުރިއަށް އޮތް 7 އަހަރު ދެން ދައްކަންޖެހޭނީ މަހަކު 3984 ރުފިޔާ'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަން ތަންފީޒުކުރުމަށްޓަކައި ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލުގެންނަވައި، ކޮންމެ ފްލެޓެއްގެ ޖުމްލަ އަގުން 2 ލައްކަ ރުފިޔާ އުނިކޮށްދެއްވާނެ ކަމަށެވެ.

''މިހާރުގެ އެގްރިމެންޓަށް އަންނީ ބަދަލެއް، މުއްދަތައް ބަދަލެއް އައިސް އެފެކްޓިވްލީ ފްލެޓަކުން 2 ލައްކަ ރުފިޔާ އުނިކޮށްދެނީ، އެހެންވީމަ އެ ލުއި ލިބިގެން ދާނެ'' ރައީސް ވިދާޅުވިއެވެ.