ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023ގެ ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓު ހޮވިއްޖެއެވެ.

82 ކޮޓަރި/ވިލާ ހުންނަ ފަސް ތަރީގެ މަނަފަރަށް ވަނީ 2021 ވަނަ އަހަރު ވެސް އެ މަގާމު ލިބިފައެވެ.

Ad
rt

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ހަފްލާ ބާއްވާފައި ވަނީ ރޭ އެކުވެރި އިމާރާތުގެ ދުބާދީގެ "ބްރުޖް އަލް އެރެބް" ހޮޓެލް ގައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު ހޮވިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހަތަރު ވަނަ ފަހަރަށް ރާއްޖެ ވަނީ ދިފާއުކޮށްފައެވެ.

މި އެވޯޑުގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް 11 އެވޯޑެއް އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުން 22 އެވޯޑެއް ލިބުނެވެ.

މި އެވޯޑުގައި ދުނިޔޭގެ ގެޓަގަރީން ރާއްޖެއަށް ލިބުނު އިތުރު އެވޯޑު ތަކުގެ ތެރޭގައި ވައްކަރު މޯލްޑިވްސް ވަނީ ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓްގެ އެވޯޑު ހޯދާފައެވެ. އަދި ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓްގެ އެވޯޑު ވޮއްމުލި މޯލްޑިވްސް ހޯދާފައިވާއިރު، ވެލާ ޕްރައިވެޓް އައިލެންޑް ވަނީ ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑްގެ އެވޯޑު ހޯދާފައެވެ.

މީގެ އިތުރުން ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓގެ އެވޯޑު އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހޯދިއިރު، ވޯލްޑް މޯސްޓް ރޮމެންޓިކް ރިސޯޓްގެ އެވޯޑު ލިބުނީ ބަރޮސް މޯލްޑިވްސް އަށެވެ.