ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިން ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮއްވައި ހައި ކޯޓުން ރިސެސް އަށް ހިނގައްޖެއެވެ.
ހައި ކޯޓުން ބުނީ އެ ކޯޓުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިއްޔެ އިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ރިސެސް އަށް ދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލިހުން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެ މުއްދަތުގައި ވަކި ބާވަތެއްގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ މަޖިލިހުން ނިންމި ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެއެވެ.
އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތްތަކުގެ މައްސަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.
އެގޮތަށް ކަނޑައެޅި ނަމަވެސް ރިސެސް މުއްދަތުގައި އާންމުކޮށް ޝަރީއަތްތަކެއް ނުބާއްވަ އެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކޯޓުގައި ހިނގައެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިތާ އަހަރެއް ވާން ކައިރިވެފައިވާ އިރު، މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލީ މިދިޔަ މަހުގެ 21 ގައެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެނެމް ފަހުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
މިވަގުތު ގޭބަންދުގައި ހުންނެވި ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!