މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށާއި، މާލެ ސިޓީ ކައުންސިލަށް 3 މެންބަރަކު އިންތިޚާބު ކުރަންބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީ (ޕްރޮގްރެސިވް ކޯލިޝަން)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ މި ޑިސެމްބަރު މަހުގެ 9 ގައި ބާއްވަން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ އެކަން ޢާންމުކޮށް ޢިއުލާންކޮށް، އެ ޕްރައިމަރީއަށް ކުރިމަތިލާން ޑިސެމްބަރު 4 ވަނަ ދުވަހުގެ 15:00 އަށް ހުޅުވާލާފައެވެ.

Ad
rt

މި ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް އެ ކޯލިޝަންގެ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް ކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ.

މި ބައި އިލެކްޝަންގައި އިންތިޚާބު ކުރާނީ މާލޭ ސިޓީގެ މޭޔަރުގެ އިތުރުން މާލޭ ސިޓީގެ މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުންނެވެ. މިއީ މުޅިން ވެސް ޕީޕީއެމްގެ މެންބަރުން ފުރުއްވި ގޮނޑިތަކެވެ.

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.

މި ބައި-އިލެކްޝަންގައި އެ ކޯލިޝަންގެ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވާދަކުރުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.