ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ހައްޔަރުކުރި މައްސަލާގައި އަލީ ވަހީދުގެ ކިބައިން މާފަށް އެދި އަދި ބަދަލުގެ ގޮތުގެ 20،000 ޕައުންޑް ދޭން އެ ގައުމުން ނިންމާފައިވާ ކަމަށް އަލީ ވަހީދުގެ ވަކީލުން މިއަދު ބުނެފި އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވަނިކޮށް 2021 ވަނަ އަހަރު އެ ގައުމުން އަލީ ވަހީދު ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ. އޭރު އޭނާގެ މައްޗަށް ރޭޕްގެ ގިނަ ދައުވާަތަކެއް ރާއްޖޭގައި އުފުލާފައި އޮތެވެ.

Ad
rt

އަލީ ވަހީދުގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އޭރު އަލީ ވަހީދު ހައްޔަރުކުރި ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަށްޓަކައި އަލީ ވަހީދުގެ ކިބައިން މާފަށް އެދުމުގެ އިތުރުން އޭނާއަށް 20،000 ޕައުންޑްގެ ބަދަލެއް ދޭން އިނގިރޭސި ވިލާތުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ނަމަވެސް އޭނާ އަށް ރާއްޖޭގެ ކޯޓުން ދިން މުއްދަތު ހަމަވިއިރު ވެސް އޭނާ ވަޑައިނުގަތުމުން އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވި އޮތެވެ. އަދި ފަހުން ދައުލަތުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.

ދައުވާތައް އަނބުރާ ގެންދިއުމުން އަލީ ވަހީދު މިއަހަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.