ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިއްޖެއެވެ.

މޫސަ ޕީއެންސީ އާއި ގުޅިވަޑައިގެންކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާ ގައެވެ.

Ad
rt

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ބައިގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު މަޖިލީހުން އިސްތިއުފާދެއްވިކަން ރަސްމީކޮށް ޢިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕީއެންސީ އާއި ގުޅިވަޑައިގެން، އެކަމާއި ގުޅޭ ލިޔެކިޔުންތައް މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ބަދަލާއެކު މަޖިލީހުގެ މެންބަރުންގެ ދަފުރަތަށް އައިސްފައިވާ ބަދަލަކީ،

  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް، 13 މެންބަރުން
  • ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، 2 މެންބަރުން
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 2 މެންބަރުން
  • މޯލްޑިވްސް ޑިވޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) 2 މެންބަރުން
  • މިނިވަން 3 މެންބަރުން

މޫސަ އަކީ އެމްޑީޕީގެ ޓިކެޓްގައި ފޮނަދޫ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާކަމަށް ވިދާޅުވެ މޫސަ އެ ޕާޓީން ވަކިވެވަޑައިގަތީ 21 އޯގަސްޓް 2023 ގައެވެ. އަދި ހަމަ އެދުވަހު އޭނާ ވަނީ އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް ޑރ. މުޢިއްޒަށް ތާއީދުކުރައްވައި މުޢިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.

ފަޒުލް މަޖިލީހުން އިސްތިއުފާދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަތުމަށެވެ. އޭނާ އެ މަޤާމަށް އިއްޔެ ވަނީ ޢައްޔަނުކޮށްފައެވެ.