މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވަޒީފާގައި ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި، މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޠާހާ ގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރި ވަޑައިގެންފައެވެ. މި ހަފްލާގައި ޖުމްލަ 139 މުވައްޒަފަކަށް ވަނީ އެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް ހަދާނީ ފިލާ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި 20 އަހަރު ހިދުމަތް ކޮށްދީފައިވާ 24 މުވައްޒަފަކާއި 25 އަހަރު ހިދުމަތް ކޮށްދީފައިވާ 69 މުވައްޒަފަކާއި 30 އަހަރު ހިދުމަތްކޮށްދީފައިވާ 35 މުވައްޒަފަކާއި 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6 މުވައްޒަފަކާއި 40 އަހަރު ހިދުމަތް ކޮށްދީފައިވާ 5 މުވައްޒަފުންގެ އަގުވަޒަންކުރިއެވެ.
މީގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔާ ކޮށްފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދިން ހިދުމަތްތައް ފާހަގަކޮށް ވަނީ ހަދާނި ފިލާ ހަވާލުކޮށްފައެވެ.
އެމްއޭސީއެލް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށެވެ. އަދި އެމްއޭސީއެލަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ޒަމާނުގައި އެއްތަނެއްގައި 5 އަހަރު ޚިދުމަތް ކުރުމަކީ ދިގުމުއްދަތުކަމަށް އަޅުގަނޑުމެން ދެކެން. މިއަދުގެ ޖީލަކީ ތަފާތު މާހައުލުތަކުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް އަވަހަށް ހޯދަންބޭނުންވާ ޖީލެއް. ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ މީހާ ވަރަށް ފަސޭހައިން ކުރިއަރައިދާނެ ކަމެއް." ތާހާ ވިދާޅުވިއެވެ.
ރާއްޖޭގެ މައި އެއާޕޯޓަކީ ދިވެހިން ފަޚުރުވެރިވާ އެއާޕޯޓެއްކަމަށް ހެދުމަށް މަސައްކަތްކޮށްދިނުމަށާއި، އެއާޕޯޓަށް އަންނަމުންދާ ޒަމާނީ ބަދަލުގައި ހިއްސާވުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް އުފަލެއްކަމުގައި ހެއްދެވުމަށް ޠާހާ އެދިވަޑައިގެންނެވިއެވެ. އަދި ވެލާނާ އެއާޕޯޓަކީ ސަރަޙައްދީ ފެންވަރުގެ އެއާޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިއްމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލްގައި 4000އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!