ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަނޭޅުއްވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ހަނދާންކޮށް ދެއްވައިފިއެވެ.

ހަބީބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުގުވެރިވާ ނަމަ، 9 ޝަރުތެއް ފުރިހަމަވާ މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

އެ ޝަރުތުތަކަކީ:

1- ދިވެހި ރައްޔިތަކަށްވުން.
2- ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުން.
3- އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން.
4- އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
5- އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން.
6- ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުން.
7- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ދުވަސް ވެފައިވުން.
8- މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
9- ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން.

ހަބީބް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލަ އާއި، ދިދަ އާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޔާމީން ޕީޕީއެމުން ވަކިވެވަޑައިގގެން އާ ޕާާޓީއެއް އުފެއްދުމާ ދިމާލަށް ވަނީ މިސްރާބު ޖަހައިފައެވެ. އެކަމަކު، ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނު ހުންނެވީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން ނަމަ، އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް އުފައްދަވަން ހުށަނޭޅުއްވޭނެއެވެ.

ރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ. ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު އަދި ޑރ. ޖަމީލަށް ބޮޑުބޭބެ ވިދާޅާ މުހައްމަދު މަލީހް ޖަމާލެވެ.

ޖަމީލްގެ އިތުރުން މަލީހް ވެސް ގެންދަވަނީ ޕީޕީއެމާއި އެ ޕާޓީގެ ލީޑަޝިޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ. އަދި ޕީޕީއެމުން ރައީސް ޔާމީން ވަކިވެވަޑައިގެން އަންނަ މާދަމާ އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާނެ ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.