ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ކޮންމެ ހުރަހެއް ނައްތާލުމަކީ ރައީސްގެ ވާޖިބެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 19 ނޮވެމްބަރު 2023 ވަނަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރުކަމަށް، ޢައްޔަނުކުރައްވާފައިވާ އިޤްބާލް މިހެން ވިދާޅުވީ މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އިޤްބާލް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނު އުފަންވެ، ޤާނޫނީ ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ރައީސަކު އިންތިޚާބު ކުރަނީ ރައްޔިތުންނެވެ.

''އެއީ ރައްޔިތުން ބުނާގޮތަށް ވެރިކަން ކުރުމަށެވެ! ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ކޮންމެ ހުރަހެއް ނައްތާލުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ވާޖިބެކެވެ.'' އިޤްބާލް ވިދާޅުވެފަ ވެއެވެ.

އިޤްބާލް މި މޭރުމުން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވައި، ސަރުކާރާ އިދިކީލިކޮށް މަސައްކަތްކުރައްވަން ފައްޓަވައި، އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްފެއްޓެވުމާއެކު، ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސް މުޢިއްޒުގެ ސަޕޯޓަރުން ގެންދަވަނީ ސަރުކާރާއި، ރައީސް މުޢިއްޒުގެ ދިފާއުގައި ވަކާލާތު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މި ނިންމެވުމާއެކު އެމަނިކުފާނުގެ ޓީމުން ވަނީ މިވެރިކަމާދެކޮޅަށް ''ހަތިޔާރު ނަގައި'' އިދިކޮޅު މަސައްކަތް ފަށާފައެވެ. ނަމަވެސް ފަސް އަހަރުގެ އިންތިޒާރަކަށްފަހު ޕީޕީއެމް/ޕީއެންސީއަށް ވެރިކަމުގެ ފޮނިމީރުކަން ލިބުނު ދަނޑިވަޅުގައި ބައިބައިވެގެންދާން އެ ފިކުރުގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެކަން ދަނީ އެމީހުން މީސްމީޑިއާގައި ހާމަކުރަމުންނެވެ.