ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ކުރިއަށް އޮތް މަސައްކަތަކީ އެ ޕާޓީން ގައުމަށްޓަކައި ކުރި މަސައްކަތް ދަމަހައްޓާ ނެގެހެއްޓުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ.

ފަޔާ މިހެން ވިދާޅުވީ ރޭ އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ފަޔާ ވިދާޅުވިގޮތުގައި، އެމްޑީޕީން އިސްވެކުރި މަސައްކަތުން އެމްޑީޕީގެ ސަރަކާއެކު ރާއްޖޭގައި ދިވެހިން ޤަބޫލުކުރާ ޑިމޮކްރަޓިކް ނިޒާމެއް ވަނީ މިހާރު ޤާއިމްކުރެވިފައެވެ. އަދި އެކަމުގެ ފުރިހަމަ ފަޚުރުވެރިކަން އެމްޑީޕީ އަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފަޔާ ވަނީ އެ ޕާޓީގެ އަސާސްތައް ނަގަހައްޓާ، އެމްޑީޕީން ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވެފައެވެ.

ޚާއްސަކޮށް ރާއްޖޭގައި އަމާން މުޖުތަމައެއް ޤާއިމްކުރުމަށާއި އަބަދުވެސް ދިވެހިން ބޭނުންވި ފަދަ ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުގައި ތިބެގެން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެމްޑީޕީ އަށް ދެން ކުރިއަށް އޮތް ކަމަކީ އެމްޑީޕީން ކުރި މަސައްކަތް ދަމަހައްޓާ ނެގެހެއްޓުން ކަމަށް ފަޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ޕާޓީން ދިވެހިރާއްޖެއަށް ހޯދައިދިން ކާމިޔާބީތައް ފުރޮޅާލައި، ފަހަތަށް ޖައްސައި، އަލުން ޤައުމުގައި އަނިޔާވެރިކަން އިޔާދަވިޔަ ނުދިނުމަށް މިއަދު އެމްޑީޕީން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އެމްޑީޕީފެ ޗެއާ ފައްޔާޟު ވަނީ ވިދާޅުވެފައެވެ.