ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އެއްބާރުލުން ނުދެއްވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ޔާމީން ދައުރުގެ ފުރަތަމަ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ޚަބަރުތައް ގެނެސްދޭ ޗެނަލް 13 އަށް ރޭ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޖަމީލް ވިދާާޅުވީ، ޔާމީން ރޭ ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގާ ދިޔުމުގެ ސަބަބުން ކަމަށެވެ.
''ފުރަތަމަ ކަމެއްގެ ގޮތުގައި ނިމިދިޔަ ރައީސް ޞާލިޙްގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ތަޙައްމަލުކުރެއްވީ ރައީސް ޔާމީން، އެމަނިިކުފާނު ޖަލުގައި ހުންނެވީ، އަދި އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުން ބޮޑު ގިނަ ގުނަ ދައުވާތަކެއް އުފުލި، މިހާރު ވެސް އޭގެ ގިނަ ދައުވާތަކެއްގެ އިސްތިއުނާފީ މަސައްކަތްތަކެއް ކުރަމުން މިދަނީ،'' ޖަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ މިނިވަންކަމަށްޓަކައި ރައީސް ޔާމީން ގިނަ މަސައްކަތެއް ކުރެއްވި ކަމަށާއި، ޚާއްޞަގޮތެއްގައި ވޮޑަމުއްލާ މައްސަލައިން ރައީސް ޔާމީން މިނިވަންވުމުން ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
ޖަމީލް ވިދާޅުވިގޮތުގައި، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެންސީ ބާތިލުކުރުމަކީ ޕީޕީއެމަށް ތާއީދުކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކާއި ގެއްލުމެކެވެ.
މި ވެރިކަން ގެނެވުނީ، ރައީސް ޔާމީންގެ ޢާއިލާއާއި ޔާމީންގެ ފަރާތްޕުޅުން އެތައް މަސައްކަތެއްކޮށްގެން ކަމަށާއި، ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ވޯޓުދިނީ މައިގަނޑު ގޮތެއްގައި ދެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލު ވިދާޅުވިގޮތުގައި އެ ދެކަމަކީ ރައީސް ޔާމީން ސަލާމަތް ކުރުމަށާއި، ރާއްޖެއަށް ދިމާވެފައިވާ ނުރައްކަލަކުން ސަލާމަތްވުމެވެ.
ވެރިކަން ބަދަލުވުމަށްފަހު ވަރަށްގިނަ ކަންކަން ބަދަލުވެއްޖެކަމަށާއި، ޕީޕީއެމްގެ ލީޑާޝިޕް ރައީސް ޔާމީނާއި ވަރަށް ފެޔަށްޖެހިފައިވާކަމަށް ޖަމީލު ވިދާޅުވިއެވެ. ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީނާމެދު ޢަމަލުކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި، އެމަނިކުފާނު ޝަރީޢަތަށް ކޯޓަށް ވަޑައިގަންނަވަނީ ވެސް ގިނިކަންޏާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ރައީސް ޔާމީނު ހުންނަވާ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކޮށްދޭން ރައްޔިތުން ވަރަށް ބޭނުންފުޅުވާ ކަމަށެވެ.
''އަޅުގަނޑު ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވޭ ޑރ. މުޢިއްޒު ވެރިކަމަށް ހޮވިވަޑައިގަތުމުން ފެށިގެން މިއަދާއި ހަމައަށް ވެސް ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ، ހަމައެއާއެކު ޕީޕީއެމުގެ ލީޑާޝިޕުން މިވަނީ ރައީސް ޔާމީނާ ދުރައް ވަޑައިގެންފައި، ރައީސް ޔާމީނަކާ މަޝްވަރާއެއް ނުއެއްކުރައްވާ، އަދި އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ޕާޓީ ކުރިއަށް ގެންދަވާކަށް އެ ބޭފުޅުން ބޭނުމެއްނުވޭ، ޕާޓީ ހިންގަން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދާކަށް އެ ބޭފުޅުން ބޭނުމެއްނުވޭ'' ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕް ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުނުވާތީ، ރައީސް ޔާމީން ވަނީ ޕީޕީއެމު ދޫކޮށްލައްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!