ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.
އަމިއްލަ ތަނަވަސްކަން ނެތް މީހުން ހައްޖަށް ފޮނުވުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައެވެ. ރައީސް އިއްޒު ވިދާޅުވެފައިވަނީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއިި ސަރުކާރުގެ އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
މީގެއިތުރުން ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް އުފައްދަވާ، އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަމަލުކުރަން ވަޒީރު ވަނީ މިހާރު މަސައްކަތް ފައްޓަވައިފައެވެ. އެގޮތުން ރައީސްގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަގުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީވެ، މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖެނުއަރީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކޮންމެ އަހަރަކު ދޭ ހައްޖު ކޯޓާގެ އަދަދު 2،000 އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސައުދީން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!