ޔޫރޯ 2024، ކޮލިފައިންގެ ގްރުޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރީސްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
މި މެޗަށް ފްރާންސް ނުކުތްއިރު އެ ޓީމް އޮތީ ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރު ކޮށްފައެވެ. ވުމާއިއެކު މި މެޗަށް ނެރުނު ފުރަތަމަ އެގާރާގައި ފްރާންސް ޓީމުން، އެ ޓީމްގެ ކެޕްޓަން އެމްބާޕޭ ވެސް ހިމަނާފައި ނުވެއެވެ.
ރޭ މެޗަށް ފްރާންސް ނުކުތްއިރު އެ ޓީމުން ވަނީ ކޮލިފައިންގައި ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ރޭ އެއްވަރު ވުމާއިއެކު ކޮލިފައިންގެ ހުރިހާ މެޗަކުން މޮޅުވާން އެ ޓީމް ކުރަމުން އައި އުންމީދަށް ނިމުން އައީއެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ޕޯޗުގަލް އެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފްރާންސުންނެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އޮލިވަ ޖިރޫޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ. ގްރީސް އިން ވަނީ ދެވަނަ ހާފުގައި ކައިރިކައިރީގައި ދެ ލަނޑުޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ބަކަސެޓަސް ޖަހައިދިން އިރު ދެވަނަ ލަނޑު 61 ވަނަ މިނެޓުގައި ޖެހީ ލޯނިޑިސްއެވެ. ފްރާންސްގެ ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފޮފާނާއެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ފަހު ހާފުގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ.
މި ގްރޫޕްގައި ރޭ ނެދަލެންޑްސް އިން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޖިބްރާލްޓާ ބަލިކޮށްފައެވެ. މި ގްރޫޕްގެ އޮޓަމެޓިކް ކޮލިފައި ޖާގަ ހޯދީ ފްރާންސް އާއި ނެދަލެންޑްސްއެވެ. ގްރީސް ދިޔައީ ތިންވަނައަށެވެ. އަންނަ އަހަރު ކުޅޭ ޕްލޭއޮފް މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ޔޫރޯއަށް ކޮލިފައި ވުމުގެ ފުރުޞަތު އަދި ގްރީސް އަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!