ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
އަދި މިސްރާއި ސައުދީ އަރަބިއްޔާއާއި މެލޭޝިޔާ އާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައި ދެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޝަހީމް އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓަރު ޝަހީމް މީގެ ކުރިން ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރު ކަން ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ދިވެހި ގައުމާ މުހާތަބް ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމަށްޓަކައި އެކަމަކަށް އެންމެ މުހިންމު އިލްމުވެރީންގެ ހިދުމަތަށް މަގު ތަނަވަސްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދީނީ އިލްމުވެރީންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނަން. އަދި ކީއްތޯ؟ ސަރުކާރުން ދޭނީ ތާއީދާއި އިޖާބަ، ތަރުޙީބު. މަދަދާއި އެހީތެރިކަން." ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!