ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތްކަމަށާއި، ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ތަޤްރީރުގައި ވަރަށް ޖޯޝާއެކު އެމަނިކުފާނު ވިދާޅުވީ، ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށެވެ. އަދި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި، އެމަނިކުފާނަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް، އެންމެ ފުރަތަމަޔަށް ކަމަށް ވިދާޅުވިއެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި އެހެން ޤައުމެއްގެ ބަޔަކު އަންނާނީ ދިވެހިންނަށް ވުރެ ފަހަތަށް ކަމަށާއި، ނަމަވެސް އެހެން ޤައުމުތަކާ ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވަވާނެ ކަމަށާއި، ރަޙްމަތްތެރިކަން ބާއްވަވާނެ ކަމަށެވެ. އަދި އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށް ވެސް އިޙްތިރާމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

''އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނަ ރަތް ރޮނގެއް. އަދި އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ. އެ އިޙްތިރާމު ލިބެންޖެހޭނެ.'' ރައީސް، ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ޙައްޤު ނިގުޅައިގަންނަން ފުރުޞަތެއް ނުދެއްވާނެ ކަމަށާއި، ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށެވެ. އަދި ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށާއި، އެއީ، ދިވެހި ރައްޔިތުން އެދޭގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އެއީ ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން ކަމަށާއި، އެހެންކަމުން، އެމަނިކުފާނު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިއްތަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ''ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް'' ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

''ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން.''ރައީސް، ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.