ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައިފިއެވެ.
މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ.
މީގެ އިތުރުން ސްރީލަންކާގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މުސްތަޤްބަލަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އެ އޮފީހުން ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މި ބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިޙް ދެއްކެވިވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވިކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިގޮތުން ދެ ޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ސްރީލަންކާގެ ރައީސް ރަނިލް ވަނީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!