ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ.

އަސްލަމް މި މަޤާމަށް ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީ މެންބަރު ކަމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން، މުޙައްމަދު އަސްލަމަށް ވަނީ ޙަވާލުކުރައްވައިފައެވެ.

ޖޭއެސްސީގެ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް އޮޓެމެޓިކުން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެންދާގޮތައް ކަމަށްވާތީ، އަސްލަމް ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނު މިކުރެވުނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބު ވުމާއި ގުޅިގެންނެވެ.