ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 5-1 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދާފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެނީ ކަރަވަހާލްއެވެ.

Ad
rt

ރެއާލުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންގްލެންޑް މިޑްފީލްޑަރ ޖޫޑް ބެލިންހަމް ކޮނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ރޭ މެޗަށް ނެގި ސްކޮޑުގައި އޭނާ ހިމަނާފައި ނުވެއެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއް ވަނީ ވެލެންސިއާގެ ޑޫރޯއަށް ލިބިފައެވެ. އޭރިއާތެރެއަށް މަތިން ހުރަސްވީ ބޯޅަ ހުހަށް ހުރެ ރެއާލުގެ ގޯލުގެ ތެރެއަށް ފޮނުވާލަން އޭނާއަށް ލިބުނުއިރު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

ފުރަތަމަ 42 ވަނަ މިނެޓުގައި ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ ވިނީސިއަސްއެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ރެއާލަށް ތިންވަނަ ލަނޑު ޖަހައިދިނީ ވެސް ވިނީސިއަސްއެވެ. މިއީ އޭނާ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު ނުވަ މެޗުގައި ޖެހި ހަވަނަ ލަނޑެވެ.

ރެއާލުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖަހައިދިނީ ރޭ މެޗުގައި މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ޖަހަން އެސިސްޓް ކޮށްދިން ރޮޑްރިގޯއެވެ. މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ހޫގޯ ޑޫރޯއެވެ.

ލީގުގެ އެއްވަނާގައި މިވަގުތު އޮތީ ރޭ 2-1 ގެ ނަތީޖާއިން ރަޔޯ ވަޔެކާނޯގެ މައްޗަށް ކުރި ހޯދި ޖިރޯނާއެވެ. އެ ޓީމަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 13 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެ މިވަގުތު ތިންވަނާގައި އޮތީ ބާސެލޯނާއެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.