ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ދިޔައީ މިފަހަރު އެކަންޏެއްނޫން: މައުމޫން

Raees Solih - Raees Maumoon

1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އެކުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ޤައުމާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

''ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން.'' ރައީސް ޞާލިޙް މިއަދު ވިދާޅުވެފަވެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައި ވަނިކޮށް ރައީސް މައުމޫން ''އެކްސް''ގައި މިއަދު ވިދާޅުވީ 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކުގައިކަމަށް އިހްތިރާމާއެކު ދަންނަވާ ކަމަށެވެ. އަދި އެއީ ހަމައެކަނި މިފަހަރު އެކަނި އެކަން ހިނގާގޮތް ނޫން ކަަމަށް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އަލުން އެކުލަވައިލައި ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަން އުފެއްދިގެން ދިޔައީ 11 ނޮވެންބަރު 1968 ގައެވެ. އެ ދުވަސް ރާއްޖޭގެ ޖުމްހޫރީ ދުވަސް ގޮތުގައި ފާހަގަކުރައްވަމުން އަންނައިރު، ރައީސް މައުމޫން އިޝާރާތް ކުރައްވާފައި މިވަނީ އެ ދުވަހުން ފެށިގެން ރާއްޖޭގައި އުފެދުނު ހުރިހާ ވެރިކަމަކަށެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިޚާބުވެވަޑައި ގެންނެވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމަނިކުފާނަށްފަހު 11 ނޮވެމްބަރު 1978 އިން 11 ނޮވެމްބަރު 2008 އަށް ރާއްޖޭގެ ވެރިކަން ކުރައްވާފައި ވަނީ ރައީސް މައުމޫނެވެ.

ރައީސް މައުމޫނަށްފަހު 11 ނޮވެމްބަރު 20028 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ތިން އަހަރެއްހާ ދުވަހަށް ދެމިގެން ދިޔުމަށްފަހު އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމުން އެ ދައުރުގެ ބާކީ ދެ އަހަރެއްހާ ދުވަސް ވެރިކަން ކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙައްމަދު ވަޙީދު ހަސަން މަނިކެވެ.

ރައީސް ވަޙީދުގެ ވެރިކަމަށްފަހު 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އިންތިޚާބާގުޅޭ މައްސަލައެއް ކޯޓުމެދުވެރިކަން ހައްލުކުރަން ޖެހުމާއެކު އެފަހަރު ރައީސްކަމަށް ވަޑައިގަތް ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ވެރިކަމުގެ ހުވާކުރައްވައި ވެރިކަން ފެއްޓެވެން މެދުވެރިވީ 17 ނޮވެމްބަރު 2013 ގައެވެ. އޭގެފަހުން 17 ނޮވެމްނަރު 2018 ގައި ވެރިކަމާއި ހަވާލުވެވަޑައިގަތީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

ރާއްޖޭގެ ޖުމްހޫރީ ހަޔާތުން އައު ދައުރެއް މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ފެށޭއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންފައި ވަނީ ޑރ. މުޙައްމަދު މުޢިއްޒެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި