ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނުގެ ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އަޅައި ދިނުމަށްޓަކައި އެހީތެރިވުމަށް ނިންމައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްކޮށްލައިފައެވެ. ހޮސްޕިޓަލްތައް ފުރުމާއި ހިދުމަތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން ޣައްޒާގައި ޒަހަމްވެފައިވާ ބައެއް މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށްވެއެވެ. ބައެއް ހޮސްޕިޓަލްގެ ހިދުމަތްތައް ހުއްޓިފައި ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުންނެވެ. ޣައްޒާ އަށް ތެޔޮ އެތެރެ ކުރުމުގެ ފުރުސަތު ޔަހޫދީން ނުދޭތީ ގިނަ ހޮސްޕިޓަލްތަކުގައި ހުރި ޖަނަރޭޓަރުތައް ނިވި، ކަރަންޓު ވަނީ ކެނޑިފައެވެ.

Ad
rt

އެހެންވެ، ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް-ނަހްޔާން ވަނީ ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮޕަރޭޝަނެއް ފައްޓަވަން ނިންމައިފައެވެ. އެގޮތުން، އިއްޔެގެ ވަގުތެއްގައި ޔޫއޭއީގެ ވެރިރަށް އަބޫ ދާބީން ފުރައިގެން ފަސް ކާގޯ މަތިންދާ ބޯޓެއް ވަނީ މިސްރަށް ގޮސްފައެވެ. މި މަތިންދާ ބޯޓުގައި 150 އެނދަށް ހިދުމަތް ދެވޭ ވަރުގެ ވަސީލަތްތައް ހުންނާނެ ކަމަށް ވެސް ޔޫއޭއީގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ފީލްޑް ހޮސްޕިޓަލްގައި ސާޖަރީ ކުރެވޭ ވަސީލަތްތަކާއި އޯތޮޕެޑިކްސް، ޕެޑިއަޓްރިކްސް، ގައިނޮކޮލޮޖީ އަދި އިންޓެންސިވް ކެއާ ޔުނިޓާ ގުޅޭ ވަސީލަތްތައް ހިމެނެއެވެ.

ޔޫއޭއީ އިން ވަނީ ފަލަސްތީނުގެ 1،000 ކުޑަކުދިންނާއި އާއިލާއެއް، ޔޫއޭއީ އަށް ގެންގޮސް، އެ ގައުމުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ނިންމާފައިވާ ކަން އިއުލާންކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް 20 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަން ވެސް ޔޫއޭއީ އިން ވަނީ އިއުލާންކޮށްފައެވެ.

އުރުދުން އިން މިދިޔަ އާދިއްތަ ދުވަހު ވަނީ ވައިގެ މަގުން ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ އެހީގެ ސާމާނު ވައްޓާލައިފިއެވެ. އުރުދުން އިން އަސްކަރީ މަތިންދާ ބޯޓުތަކެއް ބޭނުންކޮށްގެން އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާ އަށް ސިއްހީ އެހީގެ ފޮށިތައް ވައްޓާލީ އިސްރާއީލްއާ ވެސް ގުޅިގެންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 10،022 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 4،104 ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތަކުގައި 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމަ އަށް މިއަދު އެއްމަސްވި އިރު، ހަނގުރާމަ ހުއްޓާލަފާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.