ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ރައީސް މިގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.

Ad
rt

ރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަނޑައެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެރިޓޭޖު މިނިސްޓަރު ޔުމްނާ ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން 2019، ސެޕްޓެމްބަރު 12 ވަނަ ދުވަހު، ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގު ކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބިއޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާތީ، ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ސެޕްޓެންބަރު 12 ވަނަ ދުވަސް ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައި ތާރިޚް، ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކެވަޑައިގަންނަވާކަމުގައި ހެރިޓޭޖު މިނިސްޓްރީން މިކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށް ދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އަދި ތަރިކައާމެދު ޝައުގުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ޚާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރު ޔުމްނާ މިކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.