ވ. ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފިއެވެ.
އެޗްއާރްސީއެމް އިން މިގޮތަށް އަންގާފައި މިވަނީ ފައިސާ ދައްކަންޖެހޭ މީހުންގެ އަނބިންނާއި ފިރިންނާއި ދަރިންނަށް ހިދުމަތް ނުދޭން އެރަށު ކައުންސިލުން ނިންމާފައިވާތީއެވެ.
ފެލިދޫ ކައުންސިލުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ، އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދޭން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެޗްއާރްސީއެމް އިން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ އެ ނިންމުން ކުށްވެރިކުރައްވާ ކަމަށާއި ގާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރުޒުނުވާ ގޮތުގެ މަތީން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ދިމިކްރާތީ މުޖްތަމައުއެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް ބަޔާންކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށާއި އަދި އެހެން އެއްވެސް ގާނޫނެއްގެ ދަށުން ވެސް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ހާލަތެއް ވެސް ބަޔާންކޮށްފައި ނުވާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.
އެ ކޮމިޝަނުގެ ބަޔާނުގައި ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ފެލިދޫ ކައުންސިލަށް ގާނޫނީ ހަމަތަކުގެ މަތުން ލިބިފައިވާ ބާރެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލްގެ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމާފައިވާ ނިންމެވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމުގައިވާތީ، ފެލިދޫ ކައުންސިލްގެ އެ އިއުލާނުގައި ބަޔާންކޮށްފައިވާ ނިންމުން ބާތިލުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!