ދިވެހިންތަކެއް ފަލަސްތީނަށް ޖިހާދަށް ދިޔަ ކަމަށް ބުނާތީ އެކަން ބަލަން ފަށައިފިއެވެ.

ރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ގާނޫގައި ބުނާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، އެފަދަކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާކަމެކެވެ.

Ad
rt

އަހުމަދު ފިރާޒް ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދިވެހިންގެ ތިން މީހަކު ހަނގުރާމައަށް ފަލަސްތީނަށް ދިއުމަށް އުރުދުނަށް އެތެރެވެފައިވާ ކަމަށެވެ.

އޭނާގެ މި ޕޯސްޓާއި ގުޅިގެން ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ވިދާޅުވެފައިވަނީ އެކަން ބަލަމުން އަންނަކަމަށެވެ. އަދި އެ ޕޯސްޓުކޮށްފައިވާ ފޭސްބުކު އައިޑީ ވެރިފައިކޮށްފައިވާ ކަމަށެވެ.

ޓެރެރިޒަމް މަނާކުރުމުގެ ގާނޫގައި ބުނާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، އެފަދަކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވާއިރު، އެހީ ފޯރުކޮށްދިނުން ފަދަ މަގުސަދެއްގައި ވެސް އެފަދަ ސަރަހައްދަކަށް ނުވަތަ ގައުމަކަށް ދާނަމަ، ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް ނުވަތަ ގައުމަކަށް ދެވިދާނެކަމަށް ގާނޫނުގައި ބުނާ ހާލަތްތައް:

  1. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް؛
  2. ކޯޓު އަމުރެއް ތަންފީޒު ކުރުމަށް؛
  3. އެހެން ގައުމެއްގެ ސަރުކާރަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
  4. އ.ދ ނުވަތަ އ.ދ ގެ އޭޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
  5. ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތެއްކުރުމަށް؛
  6. އަމިއްލަ ޖަމްގިއްޔާއަކުން ނުވަތަ ޖަމާގަތަކުން ސަރުކާރުން ހުއްދަދޭ ހާއްސަ މަސައްކަތެއް ކުރުމަށް؛
  7. ސަރުކާރުން ހުއްދަދޭ އެނޫންވެސް ކަމެއް ކުރުމަށް.

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން ވަނީ ގޮސްފައެވެ. އެގޮތުން 173 މީހުން ދިޔަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޑިސެމްބަރު، 2019، ގައި ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައިވަނީ އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 91 ޕަސެންޓު މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.