ހއ. ތަކަންދޫއަކީ ޤުދުރަތީ ރީތި ކުޅިއެއް އޮންނަ ހިތްގައިމު ރަށެކެވެ. އެރަށުގެ ހިތްގައިމުކަން މިފަހަރު މިދައްކާލީ ތަކަންދޫގެ ޒުވާނެއްކަމަށްވާ އަހުމަދު ސާލިމް ޓުވިޓާއަށް ދޫކޮށްލި ހިތް ދަމައި ގަންނަ ފޮޓޯ ތަކަކުންނެވެ.
އެފޮޓޯތަކުން އެރަށުގެ ކުޅީގައި ޢާއިލާތަކުން ބޮއްކުރާ ދުއްވާ މަންޒަރު ދައްކުވައި ދެއެވެ. ކުޅީގެ ތެރެއަށް މުޑިޖަހައި، އެލުވާފައި ހުރި އުނދޯއްޔަކުން ހިތްތައް ދަމައިގަނެއެވެ. އުނދޯލީ އެލުވަން މަތީގައި އަޅާފައި އޮތް ދަނޑީގައި " އަހަރެން ތަކަންދޫ ދެކެ ލޯބިވަން " ލިޔެފައިވާވެއެވެ.
ސާލިމް ސުވާލު ކުރަނީ ބޮއްކުރާ ޖަހަން އެނގޭތޯއެވެ. ބޮއްކުރާ ޖަހަން ދަސްކުރަން ބޭނުންނަމަ އަވަހަށް ތަކަންދޫއަށް އައުމަށް ސާލިމް ބުނެފައިވެއެވެ.
ސާލިމްގެ ޓުވީޓުން އެތައް ބަޔެއްގެ ހިތް ދަމައިގެންފިއެވެ. ހަމަ އަސްލުވެސް ތަކަންދޫގެ ގުދުރަތީ ނަލަނަލަ ކުޅިއަށް ބޮއްކުރާ ޖަހަން ދާހިތް ޖެހިއްޖެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!