އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެފައި ވަނީ އެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ދިރާސާ ކުރަމުންދާ މި ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު މި ހިނގާ ނޮވެމްބަރު މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖަހަންދެން އިތުރުކޮށްފައިވާ ކަމަށެވެ.
ވީމާ މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، އެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ އީމެއިލް Economic.affairs_committee@majilis.gov.mv އަށް ލިޔުމުން ފޮނުވައިދިނުނަށް ވަނީ އެދިލައްވާފައެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެކުލަވައިލުމުގެ މަސައްކަތް ނިމި މަޖިލީހަށް ފޮނުވާފައިވާއިރު، މި ބިލާއިމެދު ރައީސް ސާލިހު ވިދާޅުވެފައި ވަނީ މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް ކަމަށެވެ.
މަސައްކަތުގެ މާޙައުލުގައިވެސް އަދި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައިވެސް، މިދިޔަ އަހަރުތަކުގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައި ކަމަށާއި، މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުގެ ޤަވާޢިދެއް ކަނޑައަޅައި މިހާރު އަންނަނީ ތަންފީޒު ކުރެވެމުން ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތަށް އިތުރު ޤާނޫނީ ބާރު ދިނުމުގެ ގޮތުން، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލު، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ބިލުގެ ސަބަބުން، މުވައްޒަފުންގެ އިޖުތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ބަސްބުނުމުގެ ޙައްޤު މަސައްކަތްތެރިންނަށް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!