ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މި ދަރަނީގެ ތެރޭގައި އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހުރި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ.
އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ބަލައި އެ ކުންފުނިތަކުގެ ހާލަތާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓުތަކުގައިވާ މައުލޫމާތުތައް ހިއްސާކުރައްވަމުން، އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ ފެނަކައިގެ ދަރަނީގެ ތެރެއިން ލޯންތަކުގެ ގޮތުގައި 901 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް، އެއް އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ފައިސާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. މި ފައިސާ ލިބެން ޖެހޭ ފަރާތްތަކުގެ ގޮތުގައި 1،149 ފަރާތް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"މާނައަކީ 1،149 ނިސްބަތް ވަނީ ބިލަކަށް ނޫނޭ. ވަކިވަކި 1،149 ވިޔަފާރިއަށޭ. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އާންމުކުރެއްވި އަދަދުތައް ކުރުކޮށް:
- ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަނަށް އަރާ
- 3.2 ބިލިއަން ރުފިޔާ ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ
- 901 މިލިއަން ރުފިޔާ ލޯންތަކުގެ ގޮތުގައި ދައްކަން ޖެހޭ
- 3.2 ބިލިއަންގެ ތެރެއިން 958 ރުފިޔާ ނުދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި.
- 1،149 ފަރާތްތަކަށް ފައިސާ ލިބެން ޖެހޭ.
ފިރުޒުލް ވިދާޅުވީ ކުންފުނީގެ އިދާރީ އަދި މާލީ ހިންގުމުގެ ތެރޭގައި ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ވެސް ހިފެހިއްޓިފައެއް ނުވާ ކަމަށެވެ. އެގޮތުން، 2022 ވަނަ އަހަރަށް ކުންފުނީގެ ބަޖެޓު ފާސްކޮށްފައި ވާއިރު، ކުންފުނީގެ ޖުމްލަ ބަޖެޓުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ ޑެފިސިޓް [ދަރަނި]ކަން ފާހަގަކޮށް އެ ބޭފުޅުން ބަޖެޓު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ މި އަހަރުގެ ބަޖެޓު ފާސްކުރި އިރު ވެސް 960 މިލިއަން ރުފިޔާ އަކީ ދަރަނި ކަމަށް ހިމަނާފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މި ދަރަނި ފައިނޭންސް ކުރާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް ދަރަންޏަކާ އެކު ބަޖެޓު ފާސްކުރުމަށް ފަހު، ކުންފުންޏަށް މުވައްޒަފުން އިތުރުކޮށް، ތަކެތި ގަނެ، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"މިއަދުގެ ހާލަތަށް ބަލާއިރު، ފެނަކައިން ޕްރޮކިޔުމެންޓުގެ ކަންކަން ކުރިއަށް ގެންދާ ގޮތުންނާއި ކެޕިޓަލް އެކިއެކި މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތުންނާއި މުވައްޒަފުންގެ ހާލަތު ހުރި ގޮތުންނާއި އަދާ ނުކުރެވި ހުރި ދަރަނީގެ ހާލަތު ހުރި ގޮތުން، އެ ދަރަނިތައް ވަކި ހިސާބަކަށް ގޮސް އަތް ނުފޯރާ ހިސާބަށް ދިއުމުން ދަރަނި އަދާކުރުމަށް ބޮޑެތި އަދަދު ތަކުން ލޯނު، ބައެއް ފަހަރަށް ބޮޑެތި އިންޓްރެސްޓުގައި %10 އާ ހަމައަށް ލޯނު ނަގާފައި ހުރުމުން ކުންފުނީގެ ހާލަތު މިއަދު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން އާހިރުގައި ކުންފުނީގެ ބަޖެޓުން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނަކަ އިން ހަރަދު ކުރަން ޖެހެއެވެ. މީގެތެރޭގައި ސަބްސިޑީގެ ގޮތުގައި ކުރަން ޖެހޭ ހަރަދާއި ކެޕިޓަލް އިންޖެކްޓް ކުރުމަށް ނުވަތަ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޭން ޖެހޭ ފައިސާ އިތުރުވާ ކަން ފާހަގަވާ ކަމަށް ވިދާޅުވިއެވެ.
ފެނަކަ އިން ސަޕްލަޔަރުންނާއި ވިޔަފާރިވެރިންނަށް ފައިސާ ނުދޭ ކަމުގެ ޝަކުވާ މީގެކުރިން ވެސް އެ ވިޔަފާރިތަކުން ވަނީ ކޮށްފައެވެ. ފެނަކައިގެ ދަރަނި ފިލުވަން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ލޯނުގެ ގޮތުގައި 400 މިލިއަން ރުފިޔާ ނަގާފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!