ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެ ގޮނޑިއަށް ވާދަނުކުރައްވަން ނިންމަވައިފިއެވެ.

އޭނާ މިކަން ހާމަކުރައްވައި ވަނީ އޭނާގެ ފޭސްބުކް ގައި ޕޯސްޓެއް ކުރައްވާފައެވެ.

Ad
rt

އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ އެ ގޮނޑިއަށް ވާދަކުރެއްވުމުގެ ގަސްދުގައި މަސައްކަތް ކުރިކުރުމުގައި އެ ސިޓީގެ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައި ކަން ވަރަށްބޮޑަށް ފާހަގަވި ކަމަށެވެ. އެހެންކަމަށްވުމުން ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހްތިރާމް ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމެވީ ‏ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިދުމަތެއްކޮށް ލޮބުވެތި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި އެ ނިންމުމާއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުންގެ ތާއީދުއޮތްކަން ހާމަކުރަމުން ގެންދެވި ކަމަށެވެ.

ނަރީޝް ވިދާޅުވީ ޓީމެއްގެ ގޮތުގައި އޭނާ އަށް ތާއީދު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ހިތުގެ އިހުލާސްތެރި ޝުކުރު އަދާކުރައްވާ ކަމަށެވެ.