ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފިއެވެ.
އޭނާ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޓިކެޓްގައި ކުރިމަތިލާން ގަސްދުކުރައްވާ ކަމަށެވެ. އަދި ވަނީ އެންމެ ބޭފުޅުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.
އާޒިމާ ވިދާޅުވީ އެމަގާމަށް ކުރިމަތިލުމަށް، ގަސްދުކުރެއްވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި މީހަކަށްވެފައި، ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުރީތީ ކަމަށެވެ. އަދި މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް ބޭނުންވާތީ ކަމަށެވެ.
އާޒިމާ ވަނީ މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނޭ މީހަކަށް ވާނެކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ. އަދި ކޮންމެ ހާލެއްގައި ވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދު ވެސް ދެމިހުންނާނޭ ކަމުގެ ޔަގީންކަން ވެސް އަރުވާފައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންނާއެކު މަސައްކަތްކުރާނެ ވިއުގައެއް އުފައްދައި، މާލެ ސިޓީއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ތަރައްގީކޮށް، އާއިލާއާއެކު ދިރިއުޅެވޭނޭ ފަދަ ތަނަކަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ގްރޭޓާ މާލެއަކީ ވިޔަފާރިއާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ، ހުރިހައި ހާލަތެއްގައިވާ ރައްޔިތުންނަށް ވެސް ރައްކައުތެރިކަމާއެކު ދިރިއުޅުވޭނެ ތަނަކަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ހަމަމިއާއެކު ކޮންމެ ހިޔާލެއްގައި ހުރި ނަމަވެސް އެމީހަކާއެކު މަސައްކަތްކުރެވޭނޭ ކަމުގެ ޔަގީންކަން ވެސް އާޒިމާ ވަނީ އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!