ށ. ފުނަދޫ ކައުންސިލާއި ޑަބްލިއުޑީސީ މުވައްޒަފުން ގުޅިގެން ފަލަސްތީނަށް އެހީވުމަށް ހަރަކާތްތަކެއް ފަށައިފިއެވެ.
މި ހަރަކާތްތަކާއި ގުޅޭގޮތުން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލުން ވިދާޅުވީ ކައުންސިލާއި އތމ ކޮމެޓީ އަދި ފުނަދޫ ކައުންސިލުގެ ދަށުން މަސައްކަތް ކުރާ ހުރިހައި މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 14،000 އަށް ވުރެ ގިނަ ރުފިޔާ އެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފަންޑަށް އެހީވުމަށް ޢަމަލީގޮތުން ތަފާތު އެކި ހަރަކާތްތައް ވެސް ރާވައި، ހިންގަމުން އަންނަ ކަމަށާއި އެ ހަރަކާތްތައް މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ދުވުން، މަޑުން ސައިކަލް ދުއްވުން (ސްލޯ ސައިކްލިން)، ކެނޯ ރޭސް އަދި ވާދެމުމާއި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށާއި އަދި މިއިން ކޮންމެ އިވެންޓެއްގައި ވެސް ބައިވެރިވެވޭނީ ފައިސާ ދީގެން ކަމަށް ވެސް ވިދާޅުވިއެވެ.އ ަދި ކޮންމެ މީހަކު ވެސް 50 ރުފިޔާ ދީގެން ކަމަށް ވެސް ވިދާޅުވިއެވެ.
ކައުންސިލުން ވިދާޅުވީ މަޑުން ސައިކަލް ދުއްވުމުގައި، ސައިކަލް ދުއްވަމުން ގޮސް ނިންމާ ރޮނގަށް ދިއުމުގެ ކުރިން ފައި ބިންމަތީގައި ޖައްސައި ކޮންމެ ފަހަރަކަށް 50 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބާއްވާ ފުޓްސަލް މުބާރާތް ވެސް ތަފާތުވާނެ. އެއީ މި މެޗުގައި އެއްޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއަކު އަނެއް ޓީމަށް ވަގުތުން ގަތުމުގެ ފުރުސަތު އޮންނާނެ. މިބުނީ ޓީމުގައި ހުރީ މާ މޮޅު ކުޅުންތެރިއެއް. އޭނާ މިގަތީ އިދިކޮޅު ޓީމުން 100 ރުފިޔާ ދީފަ. އެހެންވެއްޖިއްޔާ އަނެއްކާ އަނެއް ޓީމުން އެއަށްވުރެ ބޮޑު އަދަދެއްގައި އޭނާ ގަނެވޭނެ." ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން މި ހިނގާ ނޮވެމްބަރު މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޮޑުހިނގައިލުމެއް ބާއްވާނެ ކަމަށާއި މި ހަރަކާތުގެ ތެރެއިން ފަލަސްތީނުގެ ދިދަ ވިއްކުން ވެސް ކުރިއަށް ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ހިނގައިލުން ނިންމާލުމުގެ ގޮތުން ހާއްސަ ދުޢާ އެއް ކުރުން ވެސް އޮންނާނެކަަމަށް ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލުން ވިދާޅުވީ މި ހުރިހައި ފައިސާއެއް ވެސް ހަދިޔާ ކުރާނީ ފަލަސްތީނު ފަންޑަށް ކަމަށެވެ.
މި ހަރަކާތްތަަކަށް އެރަށުގެ ކުލަބު ޖަމިއްޔާތަކުން ވެސް ވަރަށްބޮޑު އެއްބާރުލުމެއް ދެއްވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!